ކުޅިވަރު މަޝްރޫއުތަކުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވައިފި

2 months ago

އަފްރާހް

ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށް ސްޕޯޓްސް މިނިސްޓަރ ރާފިއު ވިދާޅުވެއްޖެއެވެ.


މިނިސްޓަރ މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.


" ސަރުކާރު ވެރިކަމާހަވާލުވިއިރު ގިނަ ޢަދަދެއްގެ މަޝްރޫއުތައް މަތިވެފަހުރި. އެހެންވެ، ސަރުކާރުން އިސްކަން ދެނީ އެ މަޝްރޫއުތައް ނިންމުމަށް. ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް މިހާރުވަނީ ދައްކާފަ. " މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ބޮޑުކަން ތަކުރާރުކޮށް ފާހަގަކުރައްވައި، މިހާރުވެސް ހުޅުމާލޭގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ މާލޭގެ ކުޅިވަރު ކުޅޭ އެކި ތަންތަނަށް ލުއިވެގެންދާނެކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.


މިނިސްޓަރ ވިދާޅުވީ ކުޅިވަރަކީ އެންމެން އެއްބައިވަންތަ ކުރާ އެއްޗެއް ކަމަށާއި ސަރުކާރުން ވެސް ޢަމަލުކުރާނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު