މައްލާ ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް: ރައީސް

2 months ago

އަފްރާހް

މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމުގައު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ ޓްރެވެންޑްރަމްގައި ބޮޑު ބައްޔަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށް މައްލާ ޅަތުއްތު ނިޔާވުމާއި ގުޅިގެން އާއިލާ އަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.


އެ މެސެޖުގައި މައްލާ، ކުޅިވަރު ކުރިއެރުވުމުގައި ބައި ގަރުނަށްވުރެ ގިނަދުވަހު ގައުމަށް ޚިދުމަތްކޮށްދެއްވާފައިވާކަން ރައީސް ފާޖަގަކުރެއްވިއެވެ.


މީގެއިތުރުން ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޤައުމީ ހިތްވަރުދިނުމުގެ އިނާމާއި ގައުމީ ޝަރަފްވެރިކަމުގެ އިނާމާއި ދައުލަތަށް ދިގުމުއްދަތަކު ހިދުމަތްކުރެއްވުމުގެ އިނާމު ވެސް ލިބިލައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑު ވެސް ހާސިލްކުރައްވާފައިވާ ގައުމީ ހިދުމަތުގެ ނަމޫނާ ޝަޚްޝިއްޔަތެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.


މައްލާ ޅަތުއްތު ނިޔާވި މި ހިތާމަވެރި ވަގުތު، އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ވަނީ ދުޢާ ކުރައްވާފައެވެ.


މައްލާ އަކީ ރާއްޖޭގައި ފިފާ ރެފްރީގެ ބެޖު އެންމެފުރަތަމަ ލިބުނު ދެ ބޭފުޅުންގެ ތެރެއިން އެއްބޭފުޅެކެވެ. އަދި އޭނާ ވަނީ ގާތްގަޑަކަށް 52 ދެއަހަރު ރެފްރީކަން ކުރައްވައި، ގިނަ ބަޔަކު އެ ދާއިރާ އިން ތަމްރީނު ވެސް ކުރައްވާފައެވެ.


ކުޅިވަރުގެ ރޮނގުން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 2021 ވަނަ އަހަރު ލިބިލައްވާފައިވާއިރު، މައްލާ އަށް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2022 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.


މީގެއިތުރުން ދިވެހި ދައުލަތަށް ވެސް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މައްލާ ސަރުކާރުގައި ހިދުމަތް ކުރައްވަން ފެއްޓެވީ އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރުއެވެ. ސިފައިންގެ މީހެއްގެ ވަޒީފާއިން ސަރުކާރަށް ހިދުމަތް ކުރައްވަންފައްޓަވައި، ހޯމް އެފެއާޒްގެ ރަޖިސްޓްރޭޝަން ޑިވިޜަންގެ އިނގިރޭސި ކާތިބުކަމާއި، ކުޅިވަރާބެހޭ ބައިގެ ސެކްރެޓެރީކަން ވެސް ވަނީ ކުރައްވާފައެވެ.


ހަމަމިއާއެކު އެސްޓީއޯގެ ސެކްރެޓެރީއެއްގެ މަގާމު 1976 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ލިބިވަޑައިގަތުމާއެކު ގާތްގަޑަކަށް 16 އަހަރު އެ ވަޒީފާގައި ދެމިހުންނެވިއެވެ. އަދި ސޭލްސްއާ ބެހޭ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވިއެވެ.


މައްލާ ވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގައި ވެސް އެކިއެކި މަގާމުތަކުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. ޕަބްލިކް ވާކްސް މިނިސްޓްރީގެ ފައިނޭންސް ސެކްޝަނާއި، މާލޭ ހާބަރ ސެކްޝަންގައި ވެސް ހިދުމަތް ކުރެއްވިއެވެ.


މައްލާ ޅަތުއްތު އެންމެފަހުން ޚިދުމަތް ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އެ އިދާރާގައި ވެސް ހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ފުރުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު