ވޯޓުލާ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް ސާރވޭއެއް ހަދަނީ

2 months ago

އަފްރާހް

ރާއްޖޭގައި ވޯޓުލާ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް ސާރވޭއެއް ހެދުމަށް ނިންމައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން ހެދުމަށް ނިންމާފައިވާ މި ސާރވޭ އާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިއީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިމަހު ފާހަގަކުރާ މި ދުވަސް، މިއީ ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.


މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއީ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސާރވޭއެއް ކަމަށެވެ. މި ސާރވޭގައި ރައްޔިތުން ވޯޓްލާން ނިކުތުމަށް ފަސް ޖެހޭ ސަބަބުތަކަކީ ކޮބައިތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ބައި އިލެކްޝަންތަކުގައި ވޯޓްލާން ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވުމަކީ ނުބައި މިސްރާބަކަށް ދެވޭ ކަމަށް ބެލެވޭނެ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.


"އަޅުގަނޑުމެން ބޭނުންވަނީ ސަބަބުތައް ދެނެގަތުމަށްފަހު ކަމާއިގުޅޭ އިދާރާތަކާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން، އެއަށްފަހު އެ އިދާރާތަކުން ޤާނޫނަށް ޤަވާއިދަށް ބަދަލު ގެނެސްގެން ކަންކަން ރަނގަޅު ކުރަން އަޅުގަނޑުމެން ބޭނުންވަނީ" ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.


މީގެއިތުރުން މިއީ އެންމެ ބޮޑު އިލްމީ ދިރާސާއަކަށް ނުވިނަމަވެސް ސާރވޭގެ ނަތީޖާ ވެގެންދާނީ ރައްޔިތުންގެ ބަހަށް ކަމަށާއި އެ ނަތީޖާއިން ފާހަގަކުރެވޭ ކަންކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނަތީޖާއަށް ބިނާކޮށް ފުރިހަމަ އިލްމީ ދިރާސާއެއް ކުރިއަށް ގެންދެވުމާމެދު ކޮމިޝަނުން ވިސްނާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ދިރާސާ

ނަތީޖާ ދައްކާގޮތް ނޭގިގެންތޯ ދިރާސާއެއްކުރަނީ ނަތީޖާ އަނބުރާލާ ސަޅި ގޮތް، ރައްރަށުގަ ޕާޓީހިންގަންތިބޭ ވަކިބަޔަކު ކޮންމެ އިލެކްޝަނެއް ނިމޭއިރު މުއްސަނދިވެ ވިޔާފާރިތައްފަށައިގަންނަގޮތް ދިރާސާކޮއްލުން މާރަނގަޅެއްނޫންތަ

2 months ago

ވޯޓު

ވޯޓުލާމީިހުން މަދުވުމުގެ ދިރާސާއެއް ނުހެދިއަސް އެނގޭ ވޯޓުލާމީހުންގެ އަދަދުމަދުވަނީ ކީއްވެކަން، ވޯޓުހޯދަން ކެންޕިއަން ކުރާއިރު ދައްކާވާހަކަޔާ މުޅީންތަފާތުކޮށް ކަންތައްތައް ކުރާތީ، މުޅީންވެސް ހަދަނީދޮގު،

2 months ago