ވިއްސާރައާ ގުޅިގެން މި ކަންކަމަށް ސަމާލުވޭ!

2 months ago

އަފްރާހް

މި ދުވަސްވަރަކީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ދުވަސްވަރަކަށްވާތީ ފެން ބޮޑުވުމުގެ ސަބަބުން ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. 


އެގޮތުން ސެޕްޓިކް ޓޭންކު އޯވަރފްލޯވެ، ނަޖިސް ބޭރުވުމާއި އަދި ވިއްސާރައިގެ ސަބަބުން ފެން ހަރުލާފައި ހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ އެކި ބަލިތައް، މޯލްޑް (ފަންގަސް) ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް އަދި މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.


އެހެންކަމުން ތިރީގައިވާ ކަންކަމަށް އާއްމު ފަރާތްތަކުންނާއި މުއައްސަސާތަކުން ސަމާލުކަން ދެއްވުމަކީ މުހިންމުކަމެކެވެ.


-ވިއްސާރައާއި ގުޅިގެން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑަށް ނޭރުން، ޚާއްސަކޮށް ކުޑަކުދިން ފެންގަނޑަށް އެރެ، ކުޅެ ނުހެދުން


-އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަ ވޯޓަރޕްރޫފް ތަކެތި ބޭނުންކުރުން (ރަބަރު ބޫޓާއި ރަބަރު އަންގި އަތި ނުތެމޭނެފަދަ ކޯޓު)


-ހަމުގައި ފާރުގަނޑެއް ހުރިނަމަ ފެނަށް ނޭރުން، ކޮންމެހެން އެރެން ޖެހިއްޖެނަމަ ފެން ނުވަންނަފަދަ މަލަމަކުން ރަނގަޅަށް ފާރުގަނޑު ބަންދުކުރުން


-ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުން.


-ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.


ޚާއްސަކޮށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެންގަނޑުގައި ޖެހުމަށްފަހު ނުވަތަ ސާފުކުރުމުގެ މަސައްކަތް ކުރުމަށްފަހު އާއި ކެއްކުމާއި ކެއުމުގެ ކުރިން އަދި ފާޚާނާ ކުރުމަށް ފަހު:


-ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންނުކުރުން އަދި ގޯތިތެރޭގައި/ދަނޑުގައި ފެން ބޮޑުވެފައިވާ ނަމަ، އެތަންތަނުގައި ހައްދާފައިވާ ގަހުގައި އެޅި ކާބޯތަކުތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަށްފަހު ކެއްކުން


-ބުއިމަށާއި ކެއްކުމަށް އަދި ތަށި ދޮވުމަށް ކެއްކި ވާރޭފެން، ސަޕްލައި ފެން ނުވަތަ ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ސެޕްޓިކް ޓޭންކް އޯވަރފްލޯ ވެފައިވާނަމަ، ވަޅުފެން ބޭނުންކުރުމުގެ ކުރިން ކްލޮރިން ކުރުން ނުވަތަ ރަނގަޅަށް ކައްކައިގެން ބޭނުން ކުރުން


-މީގެ އިތުރުންވެސް ފެނާއި، ކާބޯތަކެތި އަދި ބޭސް ރައްކާތެރިކޮށް ބެހެއްޓުމާއި، ފެން ހިންދުމަށްފަހު ގޭތެރެ ސާފުކުރުމާއި ބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކޮށްފައިވާ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުން


-ގެއާއި ގޯތި ތެރޭގައި އަދި އާއްމު ތަންތާނގައި ފެން ހަރުލާފައިވާ ތަކެތިން ފެން ހުސްކޮށް، ފެން ހަރުނުލާނޭހެން ބަންޑުންޖަހާ ނުވަތަ މަތި ޖަހާ ނުވަތަ ސަތަރިއެއްފަދަ އެއްޗެއް އަޅާ ބަންދުކުރުން ނުވަތަ ފެން ނޭޅޭނެ ތަނަކަށް ބަދަލުކުރުން. މަތިޖަހާއިރު ނުވަތަ ސަތަރިއަޅާއިރު ސަތަރީގައި ނުވަތަ މަތިގަނޑުގައިވެސް ފެންހަރު ނުލާކަން ކަށަވަރު ކުރުން


-ދިޔަދޮވިތައް ބެދުނަ ނުދީ ސާފުކުރުން


މަތީގައި ދެންނެވިފައިވާ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނި ޙާލަތު ގޯސްވާނަމަ ލަސްނުކުރައްވާ ޞިއްޙީ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. 


ކިޔުންތެރިންގެ ހިޔާލު