4 months ago
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.
ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ޒާހިރު ނިޔާވީ އުމުރުން 76 އަހަރުގައެވެ. އެގައުމުގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް ޒާހިރު ނިޔާވީ މިއަދު ފަތިހު 4:30 ގައެވެ.
މުހައްމަދު ޒާހިރު ނުވަތަ އޯކޭ ޒާހިރަކީ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، ތަފާތު އެކި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ.
އޭނާގެ މޭސްތިރިކަމުގައި ރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކުގެ ތެރޭގައި ހާޕިކް ލިކުއިޑް، ވިމް ޕައުޑަރ، މޫނުގައި ޖަހާ ފުށް ހިމެނެއެވެ. އަދި ބްލީޗިންގ ލިކުއިޑާއި އުއްބައްތި ވެސް ހިމެނެއެވެ.
ހަމަމިއާއެކު މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގައި ވސް ޒާހިރަކީ ފުންނާބު އުސް ފަރާތެކެވެ. ޒާހިރަށް ވަނީ 1993 ވަނަ އަހަރު ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.