ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން ފްލެޓު ލިސްޓު އާންމުކުރައްވާނެކަަމަށް

5 hours ago

އަފްރާހް

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން އާންމުކުރައްވާނެކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ހައްގުގޮތުގައި ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯއްޗާއި ފްލެޓު އަތުނުލައްވާނެކަމަށެވެ.


އެ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓު ލިބޭ 4000 ހައުސިންގ ޔުނިޓު ދޫކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރައްވަމުންގެންދަވާ ކަމަށާއި އެގޮތުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.


"އުއްމީދަކީ ވީހާވެސް އަވަހަކަށް މި 4000 ހައުސިންގ ޔުނިޓު އޭގެ ވެރިފަރާތްތަކަށް ދޫކުރެވުން."


ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން މަކަރާއި ހީލަތުން ގޯތިތަކެއް ހޯދާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.


ސަރުކާރުންވަނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ. އަދި އަމިއްލައަށް ގެދޮރު ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށްޓަކައި 1 ބިލިއަން ރުފިޔާގެ ލޯން ސްކީމްތަކެއް ވެސް ތައާރަފްކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު