5 hours ago
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފައިބެއަހަރުގެ ޑިސެމްބަރ މަހު ބަލައިގަނެފައިވަނީ 2.33 ބިލިއަން ރުފިޔާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާ އިން ބުނީ މިއީ ފައިބެއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 4.7 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އަދި ޑިސެމްބަރ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.1 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި 2023 ވަނަ އަހަރު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ފައިބެއަހަރު ލިބިފައިވާ އާމްދަނީ މަތިވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.
މީގެއިތުރުން ނިމިދިޔަ އަހަރުގެ ޑިސެމްބަރ ގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.7 އިންސައްތަ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ސަބަބުން، އެދާއިރާއާއި ގުޅުންހުރި އާމްދަނީ އިތުރުވެފައިވުމަކީ ވެސް އެމަހުގެ އާމްދަނީ އިތުރުވުމުގެ އެއްސަބަބުކަމަށް މީރާ އިން ހާމަކުރެއެވެ.
ހަމަމިއާއެކު ގްރީން ޓެކުހާއި، ވާރކް ޕާރމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ބިދޭސީންގެ ކޯޓާ ފީ، ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާތަކުގެ ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ އިތުރުވުން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރ ގައި ލިބިފައިވާ އާމްދަނީގެ 17.5 އިންސައްތަ އަކީ މީރާގެ އެންފޯސްމަންޓް ފިޔަވަޅުތަކުގެ ދަށުން ހޯދާފައިވާ އާމްދަނީކަމަށް ވެސް ހާމަކުރެއެވެ.
ނިމިދިޔަ އަހަރުގެ ޑިސެމްބަރ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.33 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައެވެ. އެއީ 378.55 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާއާއި ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އާމްދަނީގެ ތެރޭގައި 112.75 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.