ޒާހިރު ވަނީ ގައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ: ރައީސް

2 months ago

އަފްރާހް

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ވަނީ ައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ޒާހިރު، އުމުރުން 76 އަހަރުގައި މިއަދު ނިޔާވުމާއިގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.


އެ މެސެޖުގައި ރައީސް ވިދާޅުވީި ޒާހިރަކީ ރާއްޖޭގައި ކާރުޚާނާ ހިންގަވައި، ޤައުމުގެ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރުއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ޒާހިރު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ވަނީ ތައުޒިޔާ ދަންނަވާފައެވެ.


ޒާހިރު ނިޔާވުމާއި ގުޅިގެން ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް 'އެކްސް' ގައި ވިދާޅުވީ ޒާހިރު އަވަހާރަވި ޚަބަރު އެހީ ފުންހިތާމައާއެކުކަމަށެވެ. އަދި މަރުޙޫމްގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.


ވިޔަފާރިވެރިޔާ ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ފަތިހު 4:30 ގައެވެ. މުހައްމަދު ޒާހިރު ނުވަތަ އޯކޭ ޒާހިރަކީ އަމިއްލަ އުފެއްދުންތައް ބާޒާރަށް ނެރެ، ތަފާތު އެކި ވިޔަފާރިތައް ކާމިޔާބުކަމާއެކު ހިންގަވާފައިވެއެވެ.


އޭނާގެ މޭސްތިރިކަމުގައި ރާއްޖޭގައި އުފައްދާފައިވާ އުފެއްދުންތަކުގެ ތެރޭގައި ހާޕިކް ލިކުއިޑް، ވިމް ޕައުޑަރ، މޫނުގައި ޖަހާ ފުށް ހިމެނެއެވެ. އަދި ބްލީޗިންގ ލިކުއިޑާއި އުއްބައްތި ވެސް ހިމެނެއެވެ.


ހަމަމިއާއެކު މަސްވެރިކަމުގެ އުފެއްދުންތަކާއި ހުއިފިލަނޑާގެ ބާވަތްތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގައި ވސް ޒާހިރަކީ ފުންނާބު އުސް ފަރާތެކެވެ. ޒާހިރަށް ވަނީ 1993 ވަނަ އަހަރު ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.


މަރްހޫމްގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ ސްރީލަންކާގެ ޖާވަތާ ޖުމްމަ މިސްކިތުގައި މިރޭ ޢިޝާ ނަމާދަށްފަހުއެވެ. މައްޔިތާ އަށް ޒިޔާރަތްކުރުން މެންދުރުފަހު 3 ން ފެށިގެން ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު