ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެވޭނީ ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކޮށްގެން

2 months ago

އަފްރާހް

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތުއާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އިންޑިއާ ސަރުކާރުން ވަރޗުއަލްކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤގްރީރުކުރައްވަމުންނެވެ.


"ޗާރޓިންގ އަ ނިއު ޕެރެޑައިމް ފޮރ ގްލޯބަލް ސައުތު" މި ޝިއާރުގެ މައްޗަށް ކުރިއަށްގެންދިޔަ މި ސަމިޓުގައި މިނިސްޓަރު ވަނީ 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20) ގެ ރިޔާސަތުގައި އިންޑިއާ އިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ.


މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ގައުމުތަކާއި ޖީ20ގައި ނުހިމެނޭ، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ލިބިގެން ދިޔަ މަންފާ ވެސް ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. އަދި ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.


އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯރކްތަށް އަދާހަމަކޮށްގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


މީގެއިތުރުން މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ރާއްޖެފަދަ ޤައުމުތަކުގެ ތަރައްޤީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ޤައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ޤައުމުތައް، ވަކިން ޙާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ.


އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ސަމިޓު ވެސް އިފްތިތާހްކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.


ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރްއެވެ. މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު