ފަރުވާ ނިންމާ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަން ބޭނުން: ލުބްނާ

2 months ago

އަފްރާހް

ފަރުވާ ޕްރޮގްރާމު ނިންމާ ފަރާތްތަކަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ބޭނުންވާ ކަމުގައި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑު ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ފައިބެއަހަރު، ޑްރަގު ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގެދަށުން ކާމިޔާބުކަމާއެކު ފަރުވާ ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމަށް ކޯޓުން ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވާ، ވާހަކަ ދައްކަވަމުންނެވެ.


ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ލުބްނާ ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމައުއަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.


މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ރޭ، ސޮލައިޓް ރެސްޓޯރެންޓުގެ މާލަމުގައި ބޭއްވި މި ހަފުލާގައި އެކަމަނާ ވިދާޅުވީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކުރައްވާފައިވާ ކަމަށެވެ.


އެގޮތުން އަންނައަހަރަށް ލަފާކުރާ ބަޖެޓުގައި މިކަމަށް އިތުރު 30 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ފަރުވާ ހޯދާ ފަރާތްތަކަށް މުޖުތަމައުގެ އެހީތެރިކަން ލިބުމުގެ މުހިންމުކަމަށް ވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.


2023 ވަނަ އަހަރު، ޑްރަގު ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގެދަށުން ކާމިޔާބުކަމާއެކު ފަރުވާ ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމަށް ޑްރަގު ކޯޓުން މިފަދަ ހަފުލާއެއް ބާއްވާ، ފަރުވާގެ ކަންކަމުގައި ނަމޫނާ ދައްކާފައިވާތީ އެކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު