ވިއްސާރައިގާ ލިބޭ ގެއްލުމުގެ އެސެސްމެންޓު ހެދުމުގައި ސޯޝަލް މިނިސްޓްރީ މުވައްޒަފުންގެ އެހީތެރިކަން

2 months ago

އަފްރާހް

ވިއްސާރައިގާ ލިބޭ ގެއްލުމުގެ އެސެސްމެންޓު ހެދުމުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ޓީމުތައް ގެތަކަށް ޒިޔާރަތްކޮށްފިއެވެ.


އެ ވުޒާރާއިން ޒިޔާރަތްކޮށްފައިވަނީ މުޅި ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގައި މާލެ ސަރަހައްދުގެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭގްމެންޓް އޮތޯރިޓީިން ކުރިއަށް ގެންދިޔަ އެސެސްމެންޓު ހެދުމުގެ ހަރަކާތުގައެވެ.


އެ ވުޒާރާގެ ޓީމުތަކުން ވަނީ އެން.ޑީ.އެމް.އޭ އަދި މޯލްޑިވްސް ރެޑްކްރެސެންޓާއި ގުޅިގެން ޖުމްލަ 11 ޓީމަށް ބަހާލައިގެން މާލެ ސަރަހައްދުން ގެއްލުން ލިބިގެން ރިޕޯޓު ކުރި ގެތަކަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދާފައެވެ.


މީގެއިތުރުން ވިއްސާރައިގެ އަތޮޅުތެރޭގެ ގެތަކުގެ ތެރެއިން ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކުގެ ހާލަތު ބެލުމުގައި ވެސް އެ ވުޒާރާގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.


އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ދައުލަތުގެ ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކެވެ.


އެ ވުޒާރާ އިން ވަނީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމުގައި އެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު