ފަރުވާ އަށް އަމުރުކުރިޔަސް، އެންމެބޮޑު ގޮންޖެހުމަކީ ވަސީލަތް މަދުވުމުން

2 months ago

އަފްރާހް

މަސްތުވާތަކެއްޗަށް ދެވި ހިފާފައި ފަރާތްތަކުން އެކަމުން ސަލާމަތްވުމަށްކުރާ މަސައްކަތަކީ އެހާ ފަސޭހަކަމެއް ނޫން ކަމުގައި ޑްރަގު ކޯޓުގެ އިސްގާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ވިދާޅުވެއްޖެއެވެ.


އިސްގާޟީ މިފަދައިން ވިދާޅުވީ ފައިބެއަހަރު، ޑްރަގު ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގެދަށުން ކާމިޔާބުކަމާއެކު ފަރުވާ ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމަށް އެ ކޯޓުން ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.


އޭނާ ވިދާޅުވީ އެކަމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހުރަސްކޮށް، އަލުން މުޖުތަމައުއަށް ޒިންމާދާރުގޮތެއްގައި ނުކުތުމަށް ގަދައަޅާ މަސައްކަތްކުރާ ފަރާތްތަކަށް ހުރިހާ ފަރާތްތަކުން ވެސް ހިތްވަރުދޭންޖެހޭ ކަމަށެވެ.


މީގެއިތުރުން ޑްރަގު ކޯޓުން ފަރުވާ އަށް އަމުރުކުރި ކަމުގައިވިޔަސް، ފަރުވާދޭން ތިބި ކައުންސިލަރުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ފަރުވާ ނުފެށި ލަސްވާކަން ވެސް ފާހަގަކުރެއްވިއެވެ.


އިސްގާޟީ އިތުރަށް ވިދާޅުވީ އެފަދަ ކަންކަމަށް ހައްލު ލިބި، ފަރުވާގެ ކަންކަން އަވަހަށް އަވަހަށް ފެށި، ޕްރޮގްރާމުތައް ނިމިގެން ދިއުމަކީ މުހިންމުކަމެއް ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު