ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

2 months ago

އަފްރާހް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.


އިމިގްރޭޝަނުން ވިދާޅުވީ މިއީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގި ރެއިޑެއްގައި ފާހަގަވި މީހުން ކަމަށެވެ، އަދި މި ރެއިޑް ހިންގާފައިވަނީ އޮގަސްތް 17 ވީ ހޮނިހިރު ދުވަހު ކަމަށެވެ.


މިގޮތުން ގ. ހީނާމާގެ ޕާކިންގ ސަރަހައްދުން ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަަމަށް ވިދާޅުވިއެވެ.


ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" އިފްތުތާހުކޮށްފައިވަނީ މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި ޕްލެޓްފޯމަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހައިތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ބައެއް ފަރާތްތައް ގާނޫނުގެ ތެރެއިން ޢަމަލުކުރުމަށް ފުރުސަތު ދެމުންދާއިރު، ބައެއް ފަރާތްތައް ޑީޕޯޓު ވެސް ކުރެއެވެ.


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު