އަމާޒަކީ ޓެކްނޮލޮޖީ މެދުވެރިކޮށް ހަމަހަމަ ތައުލީމީ ނިޒާމެއް ގާއިމުކުރުން: މިނިސްޓަރ

2 months ago

އަފްރާހް

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ގާއިމްކުރުން ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވީ "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.


މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުމަކީ އަމާޒު ކަމަށެވެ.


އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތައް ތައުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު، ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތައް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށް އޭއައި ލިޓްރެސީ ފަދަ މާއްދާތައް މުގައްރަރުގައި ހިމަނަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ގަވާއިދުތައް އުފައްދައި، އެ ގަވާއިދުތައް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.


އެކަމަނާ ވިދާޅުވީ ރާއްޖޭއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ގައުމަކަށް ވީއިރު، މިފަދަ ގައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތައް ބޭނުންކޮށް، ތައުލީމު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަށެވެ.


އެހެންނަމަވެސް، މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، "ސްމާޓް އެޑިޔުކޭޝަން" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގެ ފުރުޞަތުތަށް ހޯދަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކޮއްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުރާލައިރާވައިގެން މަސައްކަތްތަށް ކުރިއަށް ގެންދިޔުމާއި، މަތީ ތަޢުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތަޢުލީމު ފޯރުކޮއްދިނުމަކީ ދިވެހިރާއްޖެއަށް ބޭނުންވެފައިވާކަމެއްކަމަށްވެސް އެކަމަނާގެ ވިދާޅުވިއެވެ.


މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވަރސިޓީގެ ދަޢުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ފުރާވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު