ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައޫދީ އަށް

2 months ago

އަފްރާހް

ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.


މިއީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.


މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް މިނިސްޓަރ ޒަމީރު ރައްދުކުރައްވާނެއެވެ.


މީގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ސައޫދީ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މި ހިނގާ އޮގަސްޓް މަހުގެ 18 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.


މިއަހަރަކީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު