ބައި-އިލެކްޝަން ދެން ބޭއްވޭނީ އަހަރަކު ދެފަހަރު

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.


މިއީ މި އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި ބިލުގައިވާގޮތުން އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވަންޖެހޭނެއެވެ. އަދި މި އެންގެވުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަންވާނެއެވެ.


އެހެންނަމަވެސް، އިސްވެދެންނެވުނު މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމުނޫންކަމުގައި ބާޔާންކޮށްފައިވެއެވެ. އަދި އަތޮޅު ކައުންސިލުގެ ނައިބުރައީސާއި، ރަށު ކައުންސިލްގެ ނައިބުރައީސާއި، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، ޢަމަލުކުރަންވާނެގޮތަށް ގެނެވުނު އިޞްލާޙުތައްވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ.


އެގޮތުން އެފަދަ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޤާނޫނުގައި މިހާރުވެސް ބަޔާންކޮށްފައިވާގޮތުގެމަތީން އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބަޔާންކޮށްފައިވެއެވެ.


މީގެއިތުރުން ކައުންސިލުގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ހާލަތެއްގައި، އެފަދައިން މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވައި މެންބަރުން އިންތިޚާބު ކުރުމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.


ޤާނޫނު ނަންބަރު 2010/7 އަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު