އީރާންގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

5 months ago

އަފްރާހް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.


ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވަނީ މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.


މީގެއިތުރުން އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެގައުމުގެ އިސްވަފުދެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސް އަވަހާރަވެފައިވާތީ، ރައީސް ޑރ. މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.


މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.


ރައީސް ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ވެސް ތައުޒިޔާ ދަންނަވާފައެވެ.


އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި އެބޭފުޅުން ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓިފައިވަނީ އީސްޓް އަޒަރްބައިޖާން ޕްރޮވިންސަށެވެ. އަޖަރްބައިޖާނަށް އެބޭފުޅުން ވަޑަައިގަތީ ޑޭމް އެއް ހުޅުވުމަށެވެ.


ހެލިކޮޕްޓަރު ވެއްޓުނުކަމަށް ބެެލެވޭ ސަރަހައްދުގައި ދުންފިނީގެ އަސަރުބޮޑުކަމުން ރެސްކިއު އެންޑް ރިލީފް ޓީމުތަކުން ހެލިކޮޕްޓަރާއި އެއިން ދަތުރުކުރި މީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވީނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން ރެސްކިއު ޓީމުތައް މިހާރުވަނީ ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު