ހާލު ކިހިނެއް؟ ޕްރޮގްރާމުގެ ޓީމުން ވެމްކޯއާއި ބައްދަލުކޮށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ޓީމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިސްފަރާތްތަކާ ބައްދަލުކޮށް އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.


ވެމްކޯ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރުމުގައި މިނިސްޓްރީގެ ޓީމުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަދަ ފަރާތްތައް ގެންގުޅޭ އާއިލާތަކުގައި ތިބި ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ތެރެއިން ފަހި ފުރުސަތުތަކެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިންޓަރންޝިޕް ޕްރޮގްރާމުތަކުގައި އެފަދަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ވެމްކޯގެ ސީއެސްއާރު ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.


ވެމްކޯ އިން ވަނީ މާލެ ސަރަހައްދުގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް އެ ކުންފުންޏަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ގުޅިގެން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.


"ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ފާހަގަވާ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިދާރާތަކާއި އެއްކޮށް މިހާރު ވެސް ކުރެވެމުންދާއިރު، މިފަދަ ކަންކަމަށް އިދާރާތަކާއި ކުންފުނިތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.


ހާލު ކިހިނެއް ޕްރޮގްރާމަކީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި، ދައުލަތުގެ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު