ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް، ނައިބު ރައީސް އަދި ދެ މެމްބަރުން ވަކިކުރަނީ

2 months ago

އަފްރާހް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެމްބަރަކު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


ވަކިކުރަން ރައީސަށް ލަފާދެއްވުމަށް މަޖިލީހުން ފާސްކުރި މެމްބަރުންގެ ތެރޭގައި ހިމެނެނީ ޓްރައިބިއުނަލްގެ ރައީސް ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި މެންބަރު އަހުމަދު އަޝްރަފު އާއި މެންބަރު ހަޖީދާ ނައީމް އެވެ.


ޓެކްސް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އިސްމާއީލް ސާޖިދު ހުށަހެޅުއްވި މައްސަލައިގާ މިކަން ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ޓްރައިބިއުނަލް ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާ އަރުވަން 63 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވިއެވެ.


ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް ވަކި ކުރައްވަނީ ރައީސެވެ.


ސާޖިދު މަޖިލީހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ ބައެއް މެމްބަރުންނަށް އާދަޔާ ހިލާފު ތަނަވަސްކަމެއް ލިބޭ ކަމަށެވެ. އެގޮތުން ވަކި މައްސަލަތަކުގައި އެއްބަޔަކު ތިބޭ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު