ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުން ގަބޫލެއް ނުކުރެވޭނެ

2 months ago

އަފްރާހް

ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މެޑަމް ސާޖިދާ ވިދާޅުވީ އެއީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ.


ހޮޓަލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވާފައެވެ. އަދި އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމުގެ ސަބަބުން ކަމަށެވެ. އަދި މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އަަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާ، އެގޮތުން ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.


ހަމަމިއާއެކު ހަގީގީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި އެކަމަނާ އަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހަސަން

އިންސާނުން ﷲ އުފައްދާފަ ލައްވާފަވާ ގޮތާއި މެދު ވިސްނާނުލާ ލިބިފަވާ ދަރަޖަޔަކުން މޮޅު ވާހަކަ ތަކެއް ދެންނެވި ކަމުގަ ވިޔަސް ގަބޫލުކުރެވޭ އުސޫލެއް ވާކަން އެނގެންޖެހޭ.... ދެޖިންސް ހަމަހަމަ ނުކުރެވޭނެ ވަގުތެއް އަންނަކަން ވިސްނަންޖެހޭ.... މުސާރަ ހަމަހަމަ ކުރެވުނަސް ހަމަހަމަ ނުވާނެ ފަސާދައެއް އުފެދެނީ އެކަމަށް ހިއްވަރު ދެވެނީ......ޖޯޑެއް ކިޔަނީ ދެއެއްޗެއް ކާރިވުމެއް ނޫން . އެކައްޗެއްގެ މައްޗަށް އަނެކެއްޗެއް އެރުމުން....ހަމަހަމަ ނުވާނެ ކަމާއި މެދު ވިސްނާނެ ކަމަށް ގަބޫލު ކުރެވޭ...

2 months ago