ބޭންކުގެ ގާނޫނަށް ބަދަލު ނުގެނެސް ސްކޭމް މައްސަލަތައް ނުހުއްޓުވޭނެ: އަޒާން

2 months ago

އަފްރާހް

ބޭންކުގެ ގާނޫނަށް ބަދަލު ނުގެނެސް ސްކޭމް މައްސަލަތައް ނުހުއްޓުވޭނެކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ސްކޭމްގެ ފައިސާ ހޯދޭނެގޮތެއް މަގުފަހިކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.


އަޒާން ވިދާޅުވީ މިއީ ރަނގަޅު މަގުސަދެއްގައި ހުށަހެޅުއްވި އިސްލާހެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ސްކޭމްގެ މައްސަލައަށް ހައްލެއް ނުގެނެވޭ ކަމަށެވެ.


"ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ހިނގާފައިވާގޮތަށް ބަލާއިރު އެއް އެކައުންޓުން ނަގާ ފައިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓްތަކަކަށް ޓްރާންސްފަރ ކުރެވޭކަމަށް ފުލުހުން ހާމަކޮށްފައިވޭ." އަޒާން ވިދާޅުވިއެވެ.


އަޒާން ވިދާޅުވީ ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ފުލުހުންގެ ތެރެއިން ހުއްދައެއް ހޯދައިގެން ބޭންކްތަކާ މުއާމަލާތްކޮށް އެކައުންޓެއް ފްރީޒްކުރަން އެދޭއިރުވެސް އެ އެކައުންޓުގައި ހުންނަ ފައިސާ ގިނަ އެކައުންޓްތަކަށް ޓްރާންސްފަރކޮށް ފައިސާގެ އަސްލު ގެއްލުވާލާފައި ހުންނަކަމަށެވެ.


އެހެންވެ، ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިފައިވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން ކަމަށާއި އެކަން ކުރާ އެއްގޮތަކީ އެކައުންޓްތަކުގެ ފައިސާ ދައުރުވާ ޕެޓަރން ދެނެގަނެ އޮޓޮމެޓިކުން އެ ފައިސާ ދައުރުވުން ހުއްޓުވުން ކަމަށް ވިދާޅުވިއެވެ. އަދި ޑްލީޓް ސެޓަލްމެންޓަކީ ވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ގެންގުޅޭ އުކުޅެއްކަމަށް ވިދާޅުވިއެވެ.


އަޒާން އިތުރަށް ވިދާޅުވީ މި ދެ ގޮތަކީވެސް ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެހެން ގައުމުތަކުގައި ޢަމަލުކުރެވޭ ގޮތްކަމަށެވެ. އެހެންވެ، އެންމެފުރަތަމަ ބޭންކިންގ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު