ފާއިތުވި 9 މަސްދުވަހު 400 އަށްވުރެ ގިނަ މައްސަލައިގާ ކައުންސިލިންގ ދީފި

2 months ago

އަފްރާހް

ފާއިތުވި 9 މަސްދުވަހު 400 އަށްވުރެ ގިނަ މައްސަލައިގާ ކައުންސިލިންގ ދީފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މައުލޫމާތު ދެއްވައިފިއެވެ.


އެ ވުޒާރާ އިން ވިދާޅުވީ ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ވުޒާރާގެ ކައުންސެލިންގ ޑިޕާޓްމަންޓުން 139 ކްލައިންޓުންނަށް އެޓެންޑްވެ، 431 ސެޝަން ނަގައިދީފައިވާ ކަމަށެވެ. އަދި މި ސެޝަންތަކުގައި ކައުންސެލިންގ، ޕޭރެންޓިންގ، ސައިކޯސޯޝަލް ސަޕޯޓް، ހޯމް ވިޒިޓް އަދި އަތޮޅުތެރޭގެ ރަށްތަކުގެ ކޭސްތައް ހިމެނޭ ގޮތަށް އެކި ބާވަތުގެ ކޭސް ހިމެނޭ ކަަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ކައުންސެލިންގ ގެ ޖުމްލަ 275 ސެޝަން ނަގައިދިންއިރު، އެއީ 215 އަންހެނުންނާއި 60 ފިރިހެނުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބެލެނިވެރިކަމުގެ ސެޝަންގެ 82 ސެޝަނާއި ސައިކޮސޯޝަލް ސަޕޯޓް ސެޝަންގެ 25 ސެޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެއާއެކު، ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހާއި އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވަނީ އެޓެންޑް ކޮށްފައި ކަމަށް މައުލޫމާތު ދެއްވައެވެ. އަދި ކައުންސެލިންގ ސެކްޝަނުން 19 ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގާފައިވާ ކަމަށް ހާމަކުރެއްވިއެވެ.


އެ ވުޒާރާގެ ކައުންސެލިންގ ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ވުޒާރާއަށް ރިޕޯޓުކުރެވޭ ކޭސްތަކަށް ނަފްސާނީ އެހީތެރިކަމާއި ސައިކޮސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމެވެ. އެއާއެކު، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރޮކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. 


ކިޔުންތެރިންގެ ހިޔާލު