ސްކޭމްތަކުގައި ޖެހޭ މީހުންނަށް ވެސް ގާނޫނުން އަދަބެއް ކަނޑައަޅަން ޖެހޭ: އިބްރާހިމް

2 months ago

އަފްރާހް

ސްކޭމްތަކުގައި ޖެހޭ ފަރާތްތަކަށް ވެސް ގާނޫނުން އަދަބެއް ކަނޑައަޅަން ޖެހޭ ކަމުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި އިސްލާހުގެ ބަހުސް ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ.


މެމްބަރު ވަނީ މީހުންގެ ފޮޓޯ ފޮނުވައި، ލިންކަށް ފިތުމަށް އެދި އަދި ތަފާތުއެކި އިނާމު ލިބޭކަމަށް ބުނެ ސްކޭމްތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި މިކަހަލަ ސްކޭމްތަކުގައި ޖެހެނީ ކަންކަމަށް ދަހިވެތިވުމުގެ ސަބަބުން ކަމަށެވެ.


އެހެންވެ، ގާނޫނަށް އިސްލާހު ގެނެވޭއިރު، ސްކޭމްތަކުގައި ޖެހޭ ފަރާތްތަކަށް ވެސް ގާނޫނުން އަދަބެއް ކަނޑައަޅަން ޖެހޭ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.


ދަހިވެތިކަމުގެ އިންތިހާއަކީ މީހާ ނުބައި ނަތީޖާތަކެއްގެ ތެރެއަށް ވައްޓާލާ ކަމެއްކަން ފާހަގަކުރައްވައި، ވިދާޅުވީ ގިނަ ފައިދާ ނުވަތަ ނާޖާއިސް ގޮތުގައި ފައިސާ ހޯދަން ބޭނުންވެ، އެކިއެކި ޕްރޮގްރާމްތަކަށް ވަންނަން ބޭނުންވާ މީހުންނަށް ވެސް ކޮންމެވެސް ކަހަލަ އަދަބެއް (ޕެނަލްޓީއެއް) އެއް އޮންނަންޖެހޭކަަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.


މީގެއިތުރުން މިގޮތަށް އަދަބެއް ކަނޑައެޅިއްޖެނަމަ، ރައްޔިތުން ޒިންމާދާރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު