ޕީސީއާރް ޓެެސްޓު ހެދުމުގައި ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާ ކުރަނީ

2 months ago

އަފްރާހް

ކޮވިޑް-19 ގެ ޕީސީއާރް ޓެެސްޓު ހެދުމުގައި ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.


އޭސީސީން ވިދާޅުވީ އެ ދައުވާ ކުރަނީ އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރ، އަދި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ޑރ. ޢަލީ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް އަދި އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.


އެމީހުންނަށް ދައުވާ ކުރަން ފޮނުވީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތެއް ކަަމަށްވާ އާރުއެމްއެލްއެސް ލެބް ސަރވިސަސް އަށް، ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި ކަމަށް ބުނެ ކަމަށް އޭސީސީން ވިދާޅުވިއެވެ.


"މި ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ." އޭސީސީން ވިދާޅުވިއެވެ.


މީގެއިތުރުން އެ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. ލަތީފް އާއި އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސަރވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެންވެ، ވަކި މައްސަލައެއްގެ ގޮތުގައި ޑރ. ލަތީފް އާއި އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މަނީލޯންޑަރިން ގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު ޑރ. ލަތީފް މީރާ އަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު، ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި އެ މައްސަލަ ތަހްގީގުކޮށްދިނުމަށް މީރާ އަށް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އޭސީސީން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ޑރ. އަލީ ލަތީފު އާއި ޑރ. މިލްޒާ އާއިގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އެޅުމަށް ހުށަހަޅާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު