ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް އަބްދުއްރަހީމްގެ ތައުރީފް

2 months ago

އަފްރާހް

ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބްދުއްރަހީމް ތައުރީފު ކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން ތައުރީފް ކުރެއްވީ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ ޗައިނާއިން މުޅި ދުނިޔޭގައި ގާއިމްކުރަމުންދާ ސުލްހަވެރިކަމާއި، އަމަންއަމާންކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް ރާއްޖެއިން އަބަދު ވެސް އެއްބާރުލުން ދޭނެކަމަށެވެ.


މީގެ އިތުރުން ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ގައުމެއްކަން ފާހަގަކުރައްވައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި، ހާއްސަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، ގިނަ އެހީތަކާއި ތަރައްގީގައި އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކުރއްވާފައެވެ.


އެގޮތުން ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފުޅާކުރުން ފަދަ މަޝްރޫއުތަކަކީ ސާފު މިސާލުތަކެއް ކަމުގައި ވިދާޅުވިއެވެ.


މިމަހުގެ 18 އިން 23 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގަންނައެވެ.


ކިޔުންތެރިންގެ ހިޔާލު