ޖަމިއްޔާތަކުގެ މަހާސިންތާ މި މަހު ބާއްވަނީ

5 months ago

އަފްރާހް

ޖަމިއްޔާތަކުގެ މަހާސިންތާ މި މަހު ބާއްވަން ނިންމައިފިއެވެ.


ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ އިން ވިދާޅުވީ މި މަހާސިންތާ އޮންނާނީ މި ހިނގާ މޭ މަހުގެ 25 ން 27 އަށް ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އަދި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުޟޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.


މިއީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް، ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.


މީގެ އިތުރުން ގައުމީ ތަރައްގީއާއި މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް ވަނީ ރާވާފައެވެ.


ވިލިގިލީގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މިހަރާކާތުގެ ބައިވެރިންގެ ތެރޭގައި އަތޮޅަށް ނިސްބަތްވާ މަދަނީ ޖަމްޢިއްޔާތަކާއި ރަށްރަށުގެ ރަށު ކައުންސިލްތައް ބައިވެރިވާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕމެންޓް، ދިވެހި ފުލުހުންގެ ހިދުމަތާއި ގއ. އަތޮޅުގައި ހަރަކާތްތެރިވާ މުއައްޒަފުން ވެސް ހިމެނެއެވެ.


މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި އެ އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުމާއި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއިގުުޅޭ މުއައްސަސާތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުން ވެސް ހިމެނެއެެވެ.


ކިޔުންތެރިންގެ ހިޔާލު