ސަމާލުވޭ - މަސްބޯޓެއް އޮޔާދަނީ

2 months ago

އަފްރާހް

ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ ހއ. ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.


މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި، ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓު އޮޔާއެކު ރާއްޖެއަށް ކައިރިވާނެކަމަށް ލަފާކުރެވޭ ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވާަފއި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު