ވިއްސާރައިގެ ސަބަބުން ވޭމަންޑުއަށް ކާބޯތަކެތީގެ ދަތިކަން!

2 months ago

އަފްރާހް

މުޅި ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ކޮޅުމަޑުލު ވޭމަންޑު އިން ކާބޯތަކެތި ހުސްވުމާއި ގާތަށް ހިނގައްޖެއެވެ.


'އޮއިވަރު' އަށް މައުލޫމާތު ހިއްސާކުރަމުން އެރަށު ރައްޔިތަކު ބުނީ ފާއިތުވި 14 ވަރަކަށް ދުވަހު ވެހުނު ވިއްސާރައިގެ ސަބަބުން ކާޑުގެ ބާވަތްތައް އެރަށުން ހުސްވެފައިވާ ކަމަށެވެ. އަދި މާލެއިން ވެސް އެތަކެތި ލިބެން ދެތިންދުވަސް ނަގާނެ ކަަމަށެވެ.


އޭނާ ބުނީ އެރަށުގެ އެއްވެސް ފިހާރައެއްގައި ހަނޑޫ، ހަކުރު އަދި ފުށް ވެސް ނެތް ކަމަށާއި އެހެންކަމުން ރެސްޓޯރެންޓުތަކުގެ ވިޔަފާރި ވެސް ގާތްގަޑަކަށް ހުއްޓިފައިވާ ކަމަށެވެ.


"އިއްޔެގަ ކައިރި ރަށަކުން ހަނޑުލާއި ހަކުރު ގެނައި ވަރަށް މަދުން. އެކަމަކު ފުށެއް ނުގެނޭ. މިހާރު ނެތް މިރަށު އެއްވެސް ފިހާރައެއްގަ ކާޑެއް. ދެން އިއްޔެ ގެނައި ސާމާނު ވެސް ރައްޔިތުންގެ ގޭގެއަށް ގެންދިޔައީ. އެހެންތާވާނީ ވެސް ދޯ. ފިހާރައިގަ ހުއްޓަސް ހަމަ ރައްޔިތުންތާ ބޭނުންކުރަންތިބީ." އޭނާ ބުންޏެވެ.


މީގެއިތުރުން އޭނާ ބުނީ އެރަށަށް މާލެއިން މުދާ ގެންނަ ބޯޓުގެ ދަތުރު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު މަޑުޖެހިފައިވާ ކަމަށެވެ. އަދި މޫސުން އުޅޭ ގޮތުން އެ ބޯޓު އައުމަށް ދެތިން ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.


ވިއްސާރައިގާ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ވަމުންއަންނައިރު، ފެން ހިންދުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި އާންމުން ގުޅިގެން އަންނަނީ ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގޭގެއަށް ވެސް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ދަނީ ވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު