ދައުރުވަނީ ސައްހަ ޕޯސްޓެއް ނޫން – ޒިންމާދާރުކަން ކުޑަ ޢަމަލުތައް ނުކުރޭ: އިމިގްރޭޝަން

2 months ago

އަފްރާހް

މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި މީސްމީޑިއާ ގައި ދައުރުވަމުން ދަނީ ސައްހަ ޕޯސްޓެއް ނޫން ކަމުގައި އެ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މިފަދައިން ވިދާޅުވެފައި މިވަނީ ބުޅާމަހުން ކާތަކެތި ތައްޔާރުކޮށް ކާންދިންކަމަށް ބުނާ ބަންގްލަދޭޝްގެ އަރަފާތު ހުސައިން އާއި ގުޅިގެން ދައުރުވަމުންދާ ޕޯސްޓާއި ގުޅިގެންނެވެ.


އެ ޕޯސްޓުގައި ބަރގަރ، ސަބްމެރިން އަދި ހޮޓްޑޯގު ފަދަ ކާބޯތަކެތި ތައްޔާރުކުރާއިރު، ބުޅާ މަސް އަޅާކަމަަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެތަކެތި ވިއްކަންލާ ތަންތަނުގެ ލިސްޓެއް ވެސް ވަނީ ހިމަނާފައެވެ.


"މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫން. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރެއްވުން އެދެން." އިމިގްރޭޝަނުން ވިދާޅުވިއެވެ.


އަރަފާތު ހުސައިން، އިމިގްރޭޝަނަށް ހާޟިރުވުމަށް އަންގާ އިޢުލާނު ކޮށްފައި ވަނިކޮށް، އޭނާ ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މައުލޫމާތާ ގުޅިގެން މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ.


އުމުރުން 32 އަހަރުގެ މި މީހާ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު 10:32 ހާއިރު މާލެއިންނެވެ.


ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ވެލްފެއަރ ފޮ އައިލެންޑް ކެޓްސް (ޑަބްލިޔުއައިސީ) އަދި ފެލައިން ވެލްފެއަރ އޯގަނައިޒޭޝަނުން ތުހުމަތުކުރާ ގޮތުގައި އޭނާ އަކީ މަގުމަތީގައި އުޅޭ ބުޅާތައް ހިފައިގެން ގޮސް، އެ އެއްޗެހި ކައްކައިގެން ކައި އުޅޭ މީހެކެވެ. އަދި ބުޅާމަސް ވިއްކައި އަދި އެމަހުން ކާތަކެތި ތައްޔާރުކޮށް ވިއްކާ މީހެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު