ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން 4300 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފި

2 months ago

އަފްރާހް

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން 4362 ގޭބީސީއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައިފިއެވެ.


މެއި މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މާލެ ސަރަހައްދުން ފަށާފައިވަނީ ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަހައްދުންނެވެ. މިހާތަނަށް މާލެ ސަރަހައްދުން 2767 ގޭބީސީއަކަށް ވަނީ ޒިޔާރަތްކުރެވި އާއިލާތަކުގެ ހާލަތު ބަލާފައެވެ. އަދި އަތޮޅުތެރޭގައި ވެސް މި ޕްރޮގްރާމު ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް 1595 ގޭބީސީއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ.


މި ޕްރޮގްރާމުގައި މިހާތަނަށް ކުރި ޒިޔާރަތްތަކުން ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ އާއިލާތަކުން ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައެވެ. އަދި ބޭސްފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތައް ވެސް ވަނީ ދެނެގަނެވިފައެވެ.


ހަމައެއާއެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ހުށައެޅި 75 މައްސަލައަކަށް ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު ވަނީ ހައްލު ހޯދާދެވި، އެ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާދެވިފައެވެ. އަދި އެސްޓީއޯ މެޑިކަލްސްއާއި ގުޅިގެން ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރެވެމުންދާކަން ފާހަގަކޮށްލެވެއެވެ.


މި ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން މިހާތަނަށް އެފަދަ އެހީތެރިކަން ބޭނުންވާ 7 އާއިލާއެއް ވަނީ ދެނެގަނެވިފައެވެ. އަދި އެ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޯރުކޮށްދެވި އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.


މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަމްސް އެއިޑް އަދި އެޗްޑީސީން ގެންދަނީ ވުޒާރާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.


އެކަށީގެންވާ އާމްދަނީ ލިބޭނެ ވަޒީފާ ނެތުމުގެ މައްސަލަތަކާއި، ހުޅުމާލެ ހިޔާ ފްލެޓް އެއްމެދު އިމާރާތަކުގެ މެއިންޓަނެންސް މައްސަލަތައް ފަދަ ކަންކަމަކީ މި ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ އާއިލާތަކުގެ ކަންބޮޑުވުންތަކެވެ.


މިކަންކަން ހައްލު ކުރުމަށް ވަކިން ޚާއްސަކޮށް، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީން ގެންދަނީ ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި ވެސް މަޝްވަރާކުރަމުންނެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށްޓަކައި، މިނިސްޓްރީން ވަކި ސެކްޝަނެއް އުފައްދައި، މަސައްކަތް ކުރަމުންދާއިރު، ތަފާތު އިންޓަރންޝިޕް ޕްރޮގްރާމުތަކާއި ޓްރެއިނިންގތަކުގައި އެކުދިން ބައިވެރިކޮށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.


މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅޭ މީހުންނަށް ވަޒީފާ އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމުގައި ވެސް މިނިސްޓްރީން ވަނީ އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.


އޮގަސްޓު 15 ގެ ނިޔަލަށް މާލެ ސަރަހައްދުން 2700 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފެށިފައިވާއިރު، މިނިސްޓްރީން ވަނީ މި ޕްރޮގްރާމު ވިލިމާލޭގައި ވެސް ފަށާފައެވެ.


މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، އެ އާއިލާގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާނެ ކަންކަން ދެނެގަނެ ދައުލަތުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ.


މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުވާ ތަސައްވުރުގެ މައްޗަށް އެ ވުޒާރާއިން އިސްނަގައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު