އެމްއެމްސީން ހުސްވެފައިވާ އާންމު މެމްބަރުންގެ ދެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލައިފި

5 months ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ އާންމު މެމްބަރުންގެ ދެ ގޮނޑިއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.


އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެކުރިން މީޑިއާ ކައުންސިލް އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމަށް ޔޫތު މިނިސްޓްރީ އިން ވަނީ އެދިލައްވާފައެވެ.


އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.


އެމްއެމްސީގެ ގާނޫނުގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.


މީޑިއާ ކައުންސިލުގެ މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.


މީގެއިތުރުން ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.


ހަމަމިއާއެކު މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަހްލާގު ރަނގަޅު މީހެއްކަމުގައިވުމާއި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު