ޖަޕާނުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް

5 months ago

ސާއި

ޖަޕާނުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް އަތުވެއްޖެއެވެ.


ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުަސީ) އިން ގެނައި މި ޓީމު ރާއްޖެ އައިސްފައިވަނީ މި މަހުގެ 17 ގައެވެ. އަދި ފުރާނީ 24 ގައެވެ.


އެ ކުންފުނިން ވިދާޅުވީ މި ދަތުރުގައި ބައިވެރިވަނީ ޖަޕާނުގެ ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯ، ޖޭޕީ އަދި މައިނާވި ވުމެންގެ ނޫސްވެރިން ކަމަށެވެ.


މިފަދަ ޓީމެއް ރާއްޖެ ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް ނޫސްތަކާއި މީސްމީޑިއާގައި ޕްރޮމޯޓްކުރުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. އަދި ރާއްޖެ އަކީ ފަތުރުވެރިންނަށް އަމާން މަންޒިލެއްކަން ދައްކުވައިދީ ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ވިދާޅުވިއެވެ.


މިފަދަ ޓީމުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު މައުލޫމާތު މިހައިރަށްވުރެ ފުޅާގޮތެއްގައި ފޯރުކޮށްދެވޭނެ ކަަމަށް ވެސް ވިދާޅުވިއެވެ.


އެމްއެމްޕީއާރުސީގެ މަގްސަދަކީ އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ދެމެހެއްޓުމެވެ.


އެގޮތުން މިއަހަރު ކުރީކޮޅު ޖަޕާނުގައި ބޭއްވި މެރިން ޑައިވިން އެވޯޑް 2023 ގައި ރާއްޖެއަށް ވަނީ "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިންވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯރ ދަ ފަރސްޓް ޓައިމް" ކެޓެގަރީ އިން ދެވަނަ ލިބިފައެވެ. މިއީ ދުނިޔޭގެ ޑައިވަރުން ވޯޓުދީގެން ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު