ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ހާއްސަ ސިމް އެއް

5 months ago

ސާއި

ހައްޖާއި އުމްރާ އަށް ދާ ފަރާތްތަކަށް 'ސައުދީ ޕާސްޕޯޓު' ގެ ނަމުގައި ރޯމިންގ ސިމް އެއް ތައާރަފް ކޮށްފިއެވެ.


މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.


އެމަނިކިުފާނު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ މިސާލު ވެސް ފެނިގެންދާ ކަމަށެވެ.


"އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި ފަށްފަށުން ޝުކުރު ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.


އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވިގޮތުގައި މި ޙައްޖު މޫސުމުގައި، މި ސިމް ސައުދީގައި ބޭނުންކުރެވޭނެއެވެ. އަދި މިއީ އެއްހާސް ރުފިޔާގެ ސިމް އެއް ކަމަށާއި ސައުދީއަށް ފުރުމުގެ ކުރިން އުރީދޫ އިން މި ސިމް ގަނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސައުދީ އެއަރޕޯޓަށް ފައިބައި، ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް ވިދާޅުވެއެވެ.


މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގ ގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. އަދި ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99 ލާރިއެވެ.


ކިޔުންތެރިންގެ ހިޔާލު