ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން މައުރަޒެއް ބާއްވަނީ

7 months ago

އަފްރާހް

ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން މައުރަޒެއް ބާއްވަން ނިންމައިފިއެވެ.


ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މި މައުރަޒު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ ވެސް އެކުގައެވެ.


އެމަނިކުފާނު މިގޮތަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.


ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު، މި މައުރަޒު ބޭއްވުމަށް ނިންމަވާފައިވަނީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައެވެ. އަދި މި މައުރަޒު ބޭއްވުމަށް ނިންމަވާފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.


މީގެ އިތުރުން ވާދަވެރި މާހައުލެއްގައި އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މައުރަޒު ކުރިއަށް ގެންދެވުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މަޢުރަޒު ބޭއްވުމަށްވެސް ނިންމަވާފައިވެއެވެ.


ހަމަ އެއާއެކު މި މައުރަޒު އިންތިޒާމްކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު