ފައިބެއަހަރު ބީއެމްއެލްގައި 66،000 އަށްވުރެ ގިނަ އެކައުންޓު ހުޅުވި

5 months ago

ސާއި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިބެއަހަރު އަލަށް 23،000 ކަސްޓަމަރުން ގުޅިފައިވާކަމަށް އެ ބޭންކުން ހާމަކުރައްވައިފިއެވެ.


އެ ބޭންކުން ވިދާޅުވީ ނިމިދިޔަ 2023 ވަނަ އަހަރަކީ އެ ބޭންކަށް ގިނަ ކުރިއެރުންތަކަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަަމަށެވެ. އަދި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ.


އެގޮތުން ފައިބެއަހަރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމަރުންގެ އިތުބާރާއި ބޭންކިންގ ހިދުމަތް ހޯދުމަށް އިހުތިޔާރުކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ގިނަ ކަސްޓަމަރުން ނިންމާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


އެ ބޭންކުން ވިދާޅުވީ 2023 ވަނަ އަހަރު 23،000 އައު ކަސްޓަމަރުން ބޭންކާ ގުޅި 66،000 އަށް ވުރެ ގިނަ އައު އެކައުންޓް ހުޅުވާފައިވާ ކަމަށެވެ.


މީގެއިތުރުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން ފާހަގަކުރައްވައި ޑައިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު ވިދާޅުވީ ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެކަމަކަށް އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަން ކަމުގައެވެ. އަދި އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާއެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.


ހަމަމިއާއެކު މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ 20 އިންސައްތަ ދަށްކުރެވިފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު