އައްޑޫ ސިޓީގައި "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރަނީ

5 months ago

އަފްރާހް

އައްޑޫ ސިޓީގައި "އިސްރަށްވެހިންގެ ހިޔާވަހި" ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިފިއެވެ.


އެމަނިކުފާނު މިފަދައިން ނިންމަވާފައި މިވަނީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް، އުފާވެރިކަމާއި، ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ޤާއިމުކުރުމުގެ ގޮތުންނެވެ.


ފެންވަރު ރަނގަޅު ޚިދުމަތްތަކާއެކު، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ "އިސްރަށްވެހިންގެ ހިޔާވަހި" ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ބިނާކުރައްވަނީ އައްޑޫ ސިޓީ ފޭދޫގައެވެ. މިއީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ނިންމެވުމެކެވެ.


މިގޮތަށް ނިންމެވީ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.


މި ނިންމެވުމާއި ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމަވާފައިވެއެވެ.


މީގެއިތުރުން ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު