އަވަހަށް ފަރުވާދޭ ނިޒާމު ޤާއިމުކުރުމަށް ސްޓޭކްހޯލްޑަރ ޕްލޭނިންގ ބައްދަލުވުމެއް ބާއްވައިފި

1 month ago

އަފްރާހް

ރާއްޖޭގައި ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުމާއި އަވަހަށް ފަރުވާދޭ ނިޒާމު ޤާއިމުކުރުމަށްޓަކައި ސްޓޭކްހޯލްޑަރ ޕްލޭނިންގް ބައްދަލުވުމެއް ބާއްވައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ވުޒާރާއާއި، ޞިއްޙީ ވުޒާރާ އަދި ޔުނިސެފް ގުޅިގެން، ބޭއްވި މި ބައްދަލުވުމުގައި 2025 ވަނަ އަހަރު މި ނިޒާމު ޤާއިމުކުރާއިރު އިސްކަންދޭންޖެހޭ ކަންކަމާމެދު މަޝްވަރާކުރެވުނެވެ. މީގެތެރޭގައި ވެކްސިނޭޝަން، ކުދިންގެ ބަރުދަން ބެލުން، އަދި ހެދިބޮޑުވުމުގައި ލަސްކަމެއް ފާހަގަކުރެވޭ ހާލަތުގައި އެހީތެރިވާނެ ފަރާތްތައް ކަނޑައެޅުން ހިމެނެއެވެ.


މި ބައްދަލުވުމުގައި ޞިއްޙީ ވުޒާރާ، ތަޢުލީމީ ވުޒާރާ، ދަމަނަވެށި، އައި.ޖީ.އެމް.އެޗް، އެން.ޖީ.އޯތައް، އަދި ހުޅުމާލެ ހޮސްޕިޓަލް ފަދަ މުހިންމު ފަރާތްތައް ބައިވެރިވިއެވެ.


މި ނިޒާމު ޤާއިމުވެގެންދާއިރު ކުރަންޖެހޭ މުހިންމު ކަންކަމާއި، ތަޢާރަފުކުރަންޖެހޭ އައު ކަންތައްތަކާ ގުޅޭގޮތުން ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.


ރާއްޖެއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (ޔޫ.އެން.ސީ.ޕީ.އާރް.ޑީ) ގައި ބައިވެރިވެފައެވެ. އަދި ޤާނޫނު ނަންބަރު 8/2010، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެންމެހައި ހައްޤުތައް ހިމާޔަތްކުރުމާއި މާލީ އިނާޔަތްދިނުމުގެ ގާނޫނެއް ވެސް ފާސްކުރެވިފައިވެއެވެ.


މި މުޢާހަދާއާއި ޤާނޫނުގައި ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަތުމަށް އިސްކަންދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ފާއިތުވި 14 އަހަރު ތެރޭގައި މިފަދަ ނިޒާމެއް ޤާއިމުކުރެވިފައެއް ނުވެއެވެ.


މިއަހަރުގެ ކުރީކޮޅުން ފެށިގެން ޞިއްޙީ ވުޒާރާއާއި ޔުނިސެފްގެ އެހީތެރިކަމާއެކު، "އަރލީ އައިޑެންޓިފިކޭޝަން އިންޓަވެންޝަން ސިސްޓަމް" އެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި ސްޓޭކްހޯލްޑަރ ޕްލޭނިންގ ބައްދަލުވުން ލީޑުކުރައްވާފައިވަނީ ޔުނިސެފްއިންނެވެ.


ކިޔުންތެރިންގެ ހިޔާލު