4 hours ago
އަލް ހިޖުރަ ޓްރެވަލްސް އެންޑް ޓުއަރސް އިން އެއްކޮޅު ޓިކެޓު ނަގައިގެން އުމްރާއަށް ގެންދިޔަ ދިވެހި އުމްރާވެރިން މާދަމާ މާލެ އަންނާނެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އެމީހުން ރާއްޖެއަންނާނީ ޖަނަވަރީ 11 ވަނަ ދުވަހުގެ ހެނދުނު 8.10 ގައި ޤަތަރު އެެއަަރވޭސް އިން ކަމަށެވެ.
އަލް ހިޖުރަ ޓްރެވަލްސްގެ ބެލުމުގެ ދަށުން 23 މީހަކު އުމްރާއަށް ދިޔައިރު، އޭގެތެރޭގައި 12 އަހަރުން ދަށުގެ ތިން ކުދިން ވެސް ހިމެނެއެވެ.
އެމީހުންނަށް ރާއްޖެ ނާދެވި މައްކާގައި ހާލުގައި ޖެހިފައިވާ މައްސަލަ ފެންމަތިވީ ޖަނަވަރީ 8 ވަނަ ދުވަހުއެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީން އެކަން ބައްލަވައި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް އެފަރާތްތައް ވަނީ ގެންގޮސްފައެވެ.
އުމުރާވެރިންނަށް އިހުމާލުވި މައްސަލައިގައި އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުގެ އުމްރާ ހުއްދަ ބާތިލުކޮށް، އެ ކުންފުނި ވަނީ 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.
މީގެއިތުރުން އެކުންފުންޏާއި ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށް ވެސް އުމުރާ ދަތުރު ހުއްދަ ނުދިނުމަށާއި އުމުރާވެރިން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ހަރަދު އެ ކުންފުނިން ހޯދުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މި މައްސަލަ ތަހްގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް ވަނީ ނިންމާފައެވެ.