3 hours ago
އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ހަޔާތުގެ އަސާސަކީ އިލްމުކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމީ މުޖުތަމައުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ބައިވެރިވެ، ތަގްރީރު ކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމްދީން އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫން ކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމަށެވެ. އަދި ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެެރި ނަމޫނާއެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރަސޫލާގެ ހަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ހާއްސަ ކުރެއްވިކަން ސާބިތުވާކަމުގައި ވެސް ވިދާޅުވިއެވެ.
ޑރ ޝަހީމް ވަނީ ރާބިތާއިންނާއި ސައުދީއަރަބިއްޔާގެ ސަރުކާރުން ކުރައްވާ އިލްމުފެތުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ގައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ވެސް އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.
ޕާކިސްތާނުގައި އޮތް މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ މުސްލިމް ވަރލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެދައުވަތަކަށެވެ. މިއީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.
ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.