ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގާ އަދީބަށް ދައުވާކުރެވޭވަރުގެ ހެއްކެތް ނެތް: މުހުތާޒު

1 month ago

އަފްރާހް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންކޮޅު (ފިނިފެންމާ ލޯންޗު) ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާ ނުކުރި ސަބަބު ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ހާމަކުރައްވައިފިއެވެ.


އޭނާ މިކަން ހާމަކުރެއްވީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފްދަވާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައެވެ.


އެ ޖަލްސާގައި ރައީސް ޔާމީން ވަނީ އޭރުގެ ޕީޖީގެ މަގާމުގައި ހުންނެވި މުހްތާޒުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ލޯންޗު ގޮއްވާލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެ މައްސަލަ ޝަރީއަތަށް ސާބިތުވާވަރަށް ހެކި ހިމަނައި ޝަރީއަތް ކުރުމަށް އެ މައްސަލައިގެ ރިޕޯޓް ޕީޖީ އޮފީހަށް ފޮނުވި ކަަމަށް ވިދާޅުވިއެވެ.


އެހެންނަމަވެސް މުހުތާޒު އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ނުކުރެއްވި ކަމަށާއި އެކަން ކުރުމަށް އޭރުގެ އެޓަރނީ ގެނެރަލް ވެސް މުހުތާޒުގެ އަރިހަށް ފޮނުއްވި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.


ރައީސް ޔާމީންގެ އެވާހަަތަކަށް އިޝާރާތް ކުރައްވައި، މުހްތާޒު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް ސާފުބަހުން ބުނެފައިވާކަން ހާމަކުރއްވާފައެވެ.


އެގޮތުން ދައުވާކުރުމާއި ނުކުރުން ބިނާވެފައި އޮންނަނީ ހެކީގެ މައްޗަށް ކަމަށާއި އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އަދި ބޭނުންވީމާ ކުރެވޭ ގޮތެއްގެމަތިން އޮންނަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކިތަންމެ ބޭނުންފުޅުވިޔަސް އަދީބުގެ މައްޗަށް ހެކިނެތި ދައުވާ ނުކުރެވޭނެ ކަމަށް ޔާމީނަށް ދެންނެވި ކަމަށް ވެސް މުހްތާޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު