އަގްސާ މިސްކިތުގައި ފައްޅިއެއް އެޅުމަށް ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

1 month ago

އަފްރާހް

އަލްއަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ ފައްޅިއެއް އެޅުމަށް އިސްރާއީލުގެ ވަޒީރަކު ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.


ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ އަލްއަޤްޞާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ދީނީގޮތުންނާއި ތާރީޚީ ގޮތުން ވަރަށް މުހިންމު މިސްކިތެއް ކަމަށެވެ. އަދި އެއީ އިސްލާމީ ތަރިކައިގެ ރަމްޒެއް ވެސް ކަމަށެވެ.


އެ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަލްއަޤްޞާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިޙުތިރާމުކުރުމަށް އިސްރާއީލް ސަރުކާރަށް ގޮވާލާފައެވެ.


އިސްރާއީލު ސަރުކާރުގެ އިސްވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ޤުދުސްއާއި އެތަނުގެ މުޤައްދަސް ތަންތަނުގެ ޤާނޫނީ ހައިސިއްޔަތު ބަދަލުވެދާނޭފަދަ އެއްވެސް ޢަމަލެއް ހިންގުން ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.


ހަމަމިއާއެކު 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ވެސް ދިވެހި ސަރުކާރުން ގޮވާލައްވާފައި ވެއެވެ.


ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދު ވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު