އޮންލައިންކޮށް ސަދަގާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

1 month ago

އަފްރާހް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ އެކަން ލޯންޗުކުރައްވައިފިއެވެ.


އިސްލާމީ މަރުކަޒުގެ ވެބްސައިޓުގައި ހާއްސަ ޕޭޖެއް ގާއިމްކޮށް އެކަން ލޯންޗުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.


މިގޮތުން މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ގުރުއާން ޙިފްޘު ކުލާސްތަކަށް އެހީވުމަށާއި އުމްރާއަށް ފޮނުވުމަށް އެހީވުމަށް ސަދަގާތް ކުރެވޭނެއެވެ. އަދި އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުމަށާއި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް އެހީވުމަށް ވެސް ސަދަގާތް ދެއްކޭނެއެވެ.


މީގެއިތުރުން މިސްކިތް ބިނާކުރުމަށް އެހީވުމަށާއި ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމަށާއި ދީނީ ހަރަކާތްތަކަށް ސްޕޮންސަރ އަދި މިސްކިތްތަކަށް އެހީވުމަށް ވެސް ސަދަގާތް ކުރެވޭނެއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ސަދަގާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައެވެ.


މީގެއިތުރުން ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސަދަގާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަދަގާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވެސް ވަނީ އެދިލައްވާފައެވެ.


އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ގާއިމްކޮށްފައިވާ ޕޭޖުން ސަދަގާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ގާއިމްކުރާ މިސްކިތްތަކުގެ މައުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު