ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ނިމި، ހުޅުވަން ތައްޔާރު

1 month ago

އަފްރާހް

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.


މި ނާދީގެ މަސައްކަތް ކުރިއަށްދާ ގޮތާއި ނާދީ ބައްލަވައިލެއްވުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ ޒިޔާރަތް ކުރައްވާފައެވެ.


'އޮއިވަރު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިމާރާތް މިހާރުވަނީ އެއްކޮށް ނިމި، ހުޅުވުމަށް ތައްޔާރުވެފައެވެ. މާލޭގައި ހުންނަ ނާދީން ހިންގާ ހުރިހައި ޕްރޮގްރާމުތަކެއް މި ނާދީން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.


ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ގާއިމްކުރަނީ އެޗްޑީސީގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައިކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެގޮތުން ތަން ފަރުމާކުރުމާއި ތަނުގެ ޢަމަލީ މަސައްކަތްކޮށްފައިވަނީ އެޗްޑީސީގެ ސީއެސްއާރުގެ ތެރެއިންކަން ފާހަގަކޮށް، އެޗްޑީސީގެ މުވައްޒަފުންނަށާއި ވެރިންނަށް ސޯޝަލް މިނިސްޓްރީން ވަނީ ޝުކުރުއަދާކުރައްވާފައެވެ.


ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ބިނާކުރުމުގެ މަގްސަދަކީ މާލެއެކޭ އެއްފަދައިން އެ އަވަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އުފާވެރި، އެކުވެރި އަދި މަޖާ މާހައުލެއް ގާއިމުކޮށްދިނުމެވެ.


ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ދެމެދު ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ މާރޗު 28 ގައެވެ.


ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހުންނަނީ ހިޔާ ޓަވަރ 8 ގައެވެ.


އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ގުޅިގެން ރަށްރަށުގައި އިސްރަށްވެހިންގެ ނާދީތައް އެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ވެސް އޮތްކަމަށް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު