މުދަލު ޒަކާތަށް ހާއްސަ ދަރުސެއް ބާއްވައިފި

1 month ago

އަފްރާހް

މުދަލު ޒަކާތަށް ހާއްސަ ދަރުސެއް ބާއްވައިފިއެވެ.


މިއީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ދަރުސްތަކެކެވެ. އެގޮތުން މި ސިލްސިލާގެ ފުރަތަމަ ދަރުސް ބާއްވާފައިވަނީ އޮގަސްޓް 28 ވީ ބުދަ ދުވަހުގެ ރެއެވެ.


އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ 8:30 ން 10 ޖަހަންދެން ކުރިއަށްދިޔަ ދަރުސް ދެއްވީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ. މައުޟޫއަކީ "ޒަކާތް: މުދާ ޠާހިރުކޮށް ބަރަކާތް އިތުރުކޮށްދޭ" އެވެ.


މި ދަރުސްގައި ޒަކާތުގެ ޙުކުމްތަކާއި އިސްލާމީ ހަޟާރާތު ފެށިގެން އައިއިރު، ޒަކާތުގެ ނިޒާމް އަދާކުރި ދައުރާއި، ޒަކާތުގެ ނިޒާމުން އިޤްތިޞާދަށް ކުރާ ފައިދާތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ޒަކާތް ނެރުން ވާޖިބުވާ މުދަލުގެ ބާވަތްތަކާއި ނެރެންޖެހޭގޮތުގެ މަޢުލޫމާތުތައް ވެސް ވަނީ ކިޔައިދެއްވާފައެވެ.


ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ޒަކާތާއިގުޅޭ ގޮތުން މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަމުންދާ "ޒަކާތު އެވެއަރނަސް ޕްރޮގްރާމް" ގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ސަރުކާރުގެ އިދާރާތަކަށާއި، ސްކޫލް ދަރިވަރުން އަދި އާންމު ފަރުދުންނަށް މައުލޫމާތު ސެޝަންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.


ރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އިފްތިތާހު ކުރެވުނުފަހުން ޒަކާތަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު