11 hours ago
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ހުވަދު އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މިއަދު ހަވީރު 3 ޖެހުމާއި ހަމައަށް ނެރެފައިވާ މި ސަމާލުގައި ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަހައްދަށް އޮރެންޖު ސަމާލު ނެރެފައިވާއިރު، މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މީގެކުރިން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
އޮރެންޖު އިންޒާރު:
މި އެލާޓްގެ މުއްދަތުގައި 1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭވެހި ފެންބޮޑުވުން އެކަށީގެން ވެއެވެ. މި އެލާޓް ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. އުދަ އަރާކަމަށް މަދުވެގެން 10 ރަށަކުން ރިޕޯޓް ކުރުން ނުވަތަ އެވަރު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކުރެވުން މިއެލާޓް ނެރޭނެއެވެ.
ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.