ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ގާއިމްކުރުމަށް ސޮއި ކޮށްފި

1 month ago

އަފްރާހް

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި ސޮއިކޮށްފިއެވެ.


11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވެންޒާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ. އެކުންފުނީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު ހާނިސް މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ ޑރ. އައިޝަތު ރަމީލާއެވެ.


"ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް އަދި ޕްލާންޓް ޓިޝޫ ކަލްޗަރ" ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރަށް މި ލެބޯޓްރީ ފެސިލިޓީ ބިނާކުރަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. ލެބޯޓްރީ ފެސިލިޓީން ވީހާވެސް އަވަހަކަށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައި، އެކި މަޝްރޫއުތަކުގެ އެހީގައި މިހާރުވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.


މި ފެސިލިޓީގައި ހިމެނޭ ސޮއިލް ސައިންސް ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި UNDP އިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އިކޮނޮމީ މަޝްރޫއުންނެވެ. ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓްރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމުނެވެ. މިހުރިހާ ތަކެއްޗެއް ވެސް މިހާރުވަނީ ފުވައްމުލަކަށް ގެންގޮސްފައެވެ.


މި ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ 4 ލެބޯޓްރީގައި ޓެކްނީޝަނުންގެ ގޮތުގައި 8 މުވައްޒަފުން، އަދި ލީޑް ސައިންޓިސްޓުން ހަރަކާތްތެރިވާން ހަމަޖެހިފައިވާއިރު، މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީންނެވެ. މުވައްޒަފުން ނެގުމާއި ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކްގެ އެހީގައި  މިނިސްޓްރީއާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށް ގެންދާ މަޝްރޫއަކުންނެވެ.


ލެބޯޓްރީ މަސައްކަތު އެގްރިމެންޓުގައި ސޮއިކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިމަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކޮށް، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް ފަހި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވެސް ސޮއި ކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ސޮއިކުރެއްވި މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ.


އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ވަނީ މިލެބޯޓްރީ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ހިދުމަތް ދޭން ފެށުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ލެބޯޓްރީން ދެވޭ ހިދުމަތްތަކުން ރާއްޖޭގެ ދަނޑުވެރިކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްްވާ ކަމަށެވެ.


މޭޔަރ އިސްމާއީލް ރަފީޤު ވިދާޅުވީ އެ ސިޓީގައި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީއެއް ގާއިމްކުރުމަކީ ސިޓީ ކައުންސިލާއި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ،. އަދި މިލެބޯޓްރީގެ ސަބަބުން އެ ސިޓީއާއި ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު