ރާއްޖެއިން ތުރުކީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ފަތްކޮޅު އަރުވައިފި

1 month ago

އަފްރާހް

ރާއްޖެ އިން ރިޕަބްލިކް އޮފް ތުރުކިޔޭ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ތުރުކިޔޭގެ ރައީސް ހިޒް އެކްސަލަންސީ ރަޖަބް ޠައްޔިބް އުރްދުޣާން އަށް އަރުވައިފިއެވެ.


ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އަންކާރާ ގައި ހުންނަ ރައީސްގެ ރިޔާސީ ގަނޑުވަރު ކޮޅު ގައެވެ.


ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވައި، ތުރުކިޔޭ އިން ރާއްޖެ އަށް ވެދެއްވަމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.


މީގެއިތުރުން އެކި ދާއިރާތަކުން ރާއްޖޭއާ ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުންގެންދާނެކަމުގެ ޔަގީންކަން ރައީސް އުރްދުޣާން އަށް އެރުވިއެވެ.


މި ރަސްމިއްޔާތުގައި ރާއްޖެ އިން ތުރުކިޔޭއަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް އުރްދުޣާން ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ތުރުކިޔޭ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވިއެވެ.


ސަފީރަކީ ރާއްޖޭގެ އަސްކަރީ ދާއިރާގެ އެކި މަޤާމުތަކުގައި މެދުނުކެނޑި 39 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ ގޮތުގައި އައްޔަންކުރުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.


ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރުގެ އަނބިކަނބަލުން އާމިނަތު ދިހްޝާނާ އާއި ތުރުކިޔޭގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އާމިނަތު ޝަޒްލީ ސަލީމް އަދި ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު