ޓޫރިޒަމް ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށްފި

1 month ago

އަފްރާހް

ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.


މިއީ މިއަހަރުގެ އޯގަސްޓު 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.


މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެންނަވައިފައެވެ.


އެގޮތުން މިހާރު ބިލުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 6 މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/200,000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެކަމަށް މި އިސްލާހުގައި ކަނޑައަޅައިފައިވެއެވެ.


ހަމައެހެންމެ، ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި ޢަމަލުކުރާ ގޮތަށްވެސް އިސްލާހު ގެންނަވައިފައިވެއެވެ.


އެގޮތުން މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ގާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި -/5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި 6 މަސްދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި -/10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.


އޭގެ އިތުރުން ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން) ގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނެވުނު އިޞްލާޙަށް ބަލާއިރު، އެ އިޞްލާޙަށްފަހު ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް ދެން އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ -/5,000,000 (ފަސްމިލިއަން) ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ޚަލާސްކޮށްފައިވާނަމައެވެ.


މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު