ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ހަރަދު ކުޑަކުރެވޭނެ: މިނިސްޓަރ

1 month ago

އަފްރާހް

ސެންޓްރަލް ޖަލާއެކު ބޮލަކަށް ޖެހޭ ހަރަދު ކުޑަކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.


"ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ޖަލު ހިންގުމަކީ ވަރަށް ޚަރަދުބޮޑު ކަމެއްކަން ފާހަގަކުރައްވައި، މަހެއްގެ މައްޗަށް ބޮލަކަށް 27000 ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވެފައެވެ.


އެހެންވެ، މިކަން ހައްލުކުރުމަށް ދިރާސާކޮށް ސެންޓްރަލް ޖަލެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޖަލު ގާއިމުކުރުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅުގައި ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން އެތަން ތިން އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި އެ ޖަލާއެކު ޚަރަދުކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވިސްނުންފުޅަކީ މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލައި، މައި އެއް ޖަލަކުން ހުރިހާ ހިދުމަތްތައް ދެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރެއްވުން ކަމަށެވެ.


އެހެންނަމަވެސް ސެންޓްރަލް ޖަލެއް ހެދިޔަސް، އެކި ކަހަލަ ކުށްތަކުގައި ތިބި ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިކޮށް ބަލަހައްޓަމުންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު