ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް

5 months ago

އަފްރާހް

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.


މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ކުލަގަދަކޮށް މިދުވަސް ފާހަގަކުރުމަށް ކޮންމެ ރަށެއްގައި ވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް މަަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. މި ހަރަކާތް ހިންގާނީ ކޮންމެ ރަށެއްގެ ކައުންސިލާއި މުއައްސަސާތަކާއި ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.


"އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހައި ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއޮރު، މިއިން ކޮންމެ މުބާރާތަކުން ވެސް ވަނަތައް ހޮވައި އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން އެ ވުޒާރާގެ މީސްމީޑިއާ މެދުވެރިކޮށް ޖޫން 1 ން 8 އަށް، ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ އާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތަކާއި މީސްމީޑިއާ މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެއެވެ.


ހަމަމިއާއެކު މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިދުވަހާއި ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއް ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށް ގެންދާއިރު، މޫދަށް އަޅާ ކުނި މަދު ކުރުމަށް ގަރާރެއްގައި މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށް އެ ވުޒާރާ އިން ހާމަކުރައްވައެވެ.


އެ ވުޒާރާ އިން އިތުރަށް ވިދާޅުވީ މި ދުވަސް ފާހަގަކުރުމަށް "ކަނޑުރޯދި އުފާ ފެސްޓިވަލް" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށާއި މި ފެސްޓިވަލްގައި ދުވަހާއިގުޅޭ އެކި މައުލާމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.


ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު